ނޫސް ބަޔާން: އޮލިމްޕަސް މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްދާގޮތާއި، އެ މަސައްކަތުގެ އެންމެ ފަހުގެ މަޢުލޫމާތު

21st April 2022

ނޫސް ބަޔާން



އޮލިމްޕަސް މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްދާގޮތާއި، އެ މަސައްކަތުގެ އެންމެ ފަހުގެ މަޢުލޫމާތު


 


އޮލިމްޕަހުގައި ކުރިއަށްދާ މަސައްކަތްތަކާއި، އެ މަސައްކަތްތަކަށްފަހު އޮލިމްޕަސް އަލުން ހުޅުވޭނެ ތާރީޚަކާއި މެދު ބައެއް ފަރާތްތަކުން މި ސެންޓަރާއި ކަންބޮޑުވުންތައް ޙިއްސާކުރައްވަމުން ގެންދަވާތީ ދަންނަވަމެވެ.


ކޮވިޑް19 އާއި ގުޅިގެން އޮލިމްޕަސް ބަންދުކުރުމަށްފަހު، މަސައްކަތް ފަށަން ފުރުޞަތު ލިބުމާއިއެކު އޮލިމްޕަހުގެ ހޯލާއި އެ އިމާރާތް މަރާމާތުކޮށް، އަޕްގްރޭޑް ކުރުމުގެ މަސައްކަތް ވަނީ 2021 ޖުލައި 6 ވަނަ ދުވަހު ފެށިފައެވެ. އެގޮތުން މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގައި އޮލިމްޕަހުގެ ޓެރަސްއިން އިމާރާތުގެ ތެރެއަށް ފެން ލީކުވުން ހުއްޓުވުމަށްޓަކައި ޓެރަސް މަރާމާތުކޮށް، އޮލިމްޕަހުގެ އެކި ހިސާބުތަކުގައި ޝީޓު ކަނޑައިގެންދިއުމާއި، ރެނދުލުމުގެ ސަބަބުން ކޮންކްރީޓަށާއި ފާރުތަކަށް ލިބިފައިވާ ގެއްލުންތައް މަރާމާތު ކުރެވުނެވެ.


އަދި ހަމަ މިއާއިއެކު އޮލިމްޕަހުގައި ކުރިން ކެފޭ ހިންގި ބައިގައި، ފަންނީ އެކި ކަންކަމަށްވެސް ފަހިވާނެހެން ކެފޭއެއް ހިންގޭނެ ގޮތަށް އެތަން ވަނީ ތަރައްޤީކުރެވިފައެވެ. އޮލިމްޕަހުގައި އާންމުން ބޭނުންކުރުމަށް ކުރިން ހުރި ފާޚާނާތަކަކީ އެކަށޭނަ ތަންތަނަށް ނުވާތީ، އަންހެނުންނާއި ފިރިހެނުންނަށް، އަދި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަކިން ފާޚާނާބަރިއެއް ވަނީ ޤާއިމްކުރެވިފައެވެ. ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އޮލިމްޕަހުގެ ޚިދުމަތް ހޯދުމަށް ފަހި ކުރުމުގެ ގޮތުން އޮލިމްޕަސް ހޯލަށާއި ގޯތިތެރެއަށް ފުރޮޅުލީ ގޮނޑީގައި ވަދެނުކުމެ ހެދޭނެ ގޮތަށް އިމާރާތުގެ އެތެރޭގައި މިހާރު ވަނީ ރޭމްޕް އެކްސެސް ޤާއިމް ކުރެވިފައެވެ.


އޮލިމްޕަހުގައި ޓިކެޓު ވިއްކުމުގެ ނިޒާމު ޒަމާނާއި އެއްގޮތަށް ހަރުދަނާ ކުރުމަށް، އައު ޓިކެޓު ކައުންޓަރެއް ޤާއިމްކޮށް އެކަމާއި ގުޅިގެން ކުރަންޖެހޭ އެހެނިހެން ކަންކަން ދަނީ ކުރެވެމުންނެވެ. ހަމަ މިއާއިއެކު އޮލިމްޕަހުގެ ތެރޭގައި ފިލްމުތަކުގެ ޓްރެއިލަރ ދެއްކުމަށާއި، ފިލްމު ޝެޑިއުލް އަދި އެހެނިހެން މަޢުލޫމާތާއި އިޝްތިހާރު ދެއްކުމަށް އިސްކްރީންތަކެއް ޤާއިމްކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ.


މީގެ އިތުރުން އޮލިމްޕަސް އިމާރާތް އެންމެ ރަނގަޅު ގޮތުގައި ބޭނުންކުރުމަށްޓަކައި، އިމާރާތުގައި ހުރި ޕްރެކްޓިސް ރޫމްތައް މަރާމާތުކޮށް، އެކިއެކި ފަންނުވެރިންނަށް އެތަން ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މިހާރުވެސް ދަނީ މަސައްކަތް ކުރެވެމުންނެވެ. މިކަމަށް ބޭނުންވާ ބައެއް ތަކެތި ރާއްޖެއިން ބޭރުން ގެންނަން ޖެހޭތީ އެ މަސައްކަތް މި ސެންޓަރުން މި ދަނީ ކުރަމުންނެވެ.


އޮލިމްޕަސް މަރާމާތު ކުރުމުގެ ފުރަތަމަ ފިޔަވަހީގެ މައިގަނޑު މަސައްކަތްތައް ނިމުމާއި ގުޅިގެން 2021 ނޮވެމްބަރ 19 ވަނަ ދުވަހުގެރޭ ދާއިރާގެ ފަންނުވެރިންނާއިއެކު މިނިސްޓަރ އޮފް ސްޓޭޓް ފޯ އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް، މުޙައްމަދު ޠާރިޤު އޮލިމްޕަހުގައި ބޭއްވެވި ބައްދަލުވުމެއްގައި، އެ މަސައްކަތާއި ގުޅޭ މަޢުލޫމާތު ފަންނުވެރިންނާއި ޙިއްސާކޮށް، ފަންނުވެރިންގެ ޚިޔާލާއި މަޝްވަރާ ވަނީ ހޯއްދަވާފައެވެ.


އިންޑިއާ ސަރުކާރުގެގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ގްރާންޓުގެ ދަށުން އޮލިމްޕަސް ހޯލާއި ހޯލުގައި ހުރި ވަޞީލަތްތައް ތަރައްޤީކުރުމުގެ ފުރުޞަތު އޭރު ލިބިފައި އޮތުމުން، މި ދެންނެވުނު ބައްދަލުވުމުގައި ބައިވެރިވި ފަންނުވެރިންގެ ލަފައާއިއެކު އޭރު ނިންމާފައިވަނީ މި ގްރާންޓްގެ އެހީގައި އޮލިމްޕަސް ތަރައްޤީ ކުރުމުގެ ދެވަނަ ފިޔަވަހި ކުރިއަށްގެންގޮސް، މަސައްކަތްތައް އެއްކޮށް ނިމުމުން އޮލިމްޕަސް ހުޅުވުމަށެވެ. 


މި އަހަރު ގްރާންޓްގެ ކަންކަން ހަމަޖެހި، މަސައްކަތް ފެށޭވަރު ވުމާއި ގުޅިގެން މިހާރު އޮލިމްޕަސް ހޯލާއި ހޯލުގައި ހުރި ވަޞީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތް ވަނީ 2022 މާރިޗް 8 ގައި ފެށިފައެވެ. މި ފިޔަވަހީގައި އޮލިމްޕަހުގައި ފިލްމު ދެއްކުމަށް ޒަމާނީ ފެންވަރުގެ ޕްރޮޖެކްޓަރެއް ޤާއިމްކޮށް، އައު އިސްކްރީނެއް ބަހައްޓައި، ހޯލުގެ އެކޯސްޓިކް ޓްރީޓްމަންޓް ހަދައި، ޒަމާނީ ސައުންޑް އަދި ލައިޓިންގ ޤާއިމު ކުރުމަށް ދަނީ މަސައްކަތް ކުރެވެމުންނެވެ. މި މަސައްކަތަށް ބޭނުންވާ ގިނަ ތަކެއްޗަކީ ރާއްޖެއިން ބޭރުން ގެންނަންޖެހޭ ތަކެއްޗަށް ވުމާއިއެކު ވަގުތު ނެގިނަމަވެސް، ވީހާވެސް އަވަހަކަށް މަސައްކަތް ނިންމުމަށް ކެނޑިނޭޅި ދަނީ މަސައްކަތް ކުރެވެމުންނެވެ.


އެން.ސީ.އޭގެ އަމާޒަކީ އޮލިމްޕަސް ތަރައްޤީ ކުރުމުގެ މަސައްކަތް ނިންމައި، ފަންނާނުން ހިތްހަމަޖެހޭފަދަ ޚިދުމަތްތަކަކާއިއެކު މި އަހަރުގެ ޖޫން މަހުގެ ފަހުކޮޅު ނުވަތަ އެންމެ ލަސްވެގެން ޖުލައި މަހުގެ ކުރީކޮޅު އޮލިމްޕަހުގެ ޚިދުމަތް ދޭން ފެށުމެވެ.


މި ފުރުޞަތުގައި މި ވޭތުވެދިޔަ ދަތި ދުވަސްތަކުގައި ފަންނާނުން ދެއްކެވި ކެތްތެރިކަމާއި، ދެއްވި އެއްބާރުލުމަށް ފަށްފަށުން ޝުކުރު ދަންނަވަމެވެ.