‏ކުޅަދާނަ ކުރެހުންތެރިޔާ ޒުލައިޚާ ޢަލީ ގެ “އަ ވަލްނަރަބަލް ބިއުޓީ: މޯލްޑިވްސް” މައުރަޒު، ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ސާލިޙު ހުޅުއްވައިދެއްވައިފި

ހުނަރުވެރި ކުރެހުންތެރިޔާ އަލްފާޟިލާ ޒުލޭޚާ ޢަލީ ގެ ސޯލޯ ކުރެހުމުގެ މައުރަޒު ރޭ ނޭޝަނަލް އާޓް ގެލެރީގައި (2019 އެޕްރީލް 12 ވީ ހުކުރު ދުވަހުގެ) ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ ހުޅުއްވައިދެއްވާފައެވެ. ޒުލޭޚާ ގެ ކުރެހުންތަކުން ފާހަގަކޮށްލެވޭ އެއްކަމަކީ، މޫސުމަށް އަންނަ ބަދަލުތަކާބެހޭގޮތުން އާންމުން ހޭލުންތެރިކުރުވުމަށް ޚާއްސަ މެސެޖްތަކެއް ފޯރުކޮށްދިނުމެވެ. އެގޮތުން، މި މަޢުޒަރުގެ ޝީޢާރަކީ “އަ ވަލްނަރަބްލް ބިއުޓީ: މޯލްޑިވްސް” އެވެ. މިއީ ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި ނާޒުކު ތިމާވެއްޓާއި ދުނިޔެ ހޫނުވުމާއި ކަނޑުގެ ލޮނުގަނޑު އުފުލުމާއި މޫސުމަށް އަންނަ ބަދަލުތަކަށް މީހުންގެ ވިސްނުން ހުޅުވާލުމުގެ މަޤްޞަދުގައި ކުރަހާފައިވާ ކުރެހުން ތަކެއް ދައްކުވައިދޭ މައުރަޒެކެވެ.

ޒުލޭޚާ ޢަލީ އަކީ ބައިނަލްއަގުވާމީ އެކި މަޢުރަޒުތަކުގައި ބައިވެރިވެ، ތަޖުރިބާ ހާސިލްކުރައްވާފައިވާ ކުރެހުންތެރިއެކެވެ. މީގެ އިތުރުން ކުރެހުމުގެ ދުނިޔޭގައި މަޝްހޫރު އިޓަލީ، ފްރާންސް ފަދަ ޤައުމުތަކުގައި ތަޖުރިބާތަކެއް ޙާޞިލް ކުރައްވާފައިވާ ބޭފުޅެއްވެސްމެއެވެ. ޒުލޭޚާ ގެ 5 ކުރެހުމެއް ޗައިނާގެ މިނިސްޓްރީ އޮފް ކަލްޗަރ އެންޑް އާޓްސް ގެ ޕަރމަނަންޓް ކަލެކްޝަން އަށް ހިމެނިފައިވާއިރު އިތުރު 2 ކުރެހުމެއް ސިންގަޕޫރު ގައި ހުންނަ ބެއިޖިން “ޔު ޕި” ކަލްޗަރގެ ޕަރމަނަންޓް ކަލްޝަންގައި ވެސް ވަނީ ހިމެނިފައެވެ. އަދި ޒުލޭޚާ ވަނީ ބައިނަލްއަގުވާމީ ގިނަ އެވޯޑް ތަކެއް މި ދާއިރާއިން ޚާޞިލުކޮށްފައެވެ. މީގެތެރޭގައި ޕެރިސް ގެ “ސާރކަލް ފައުންޑޭޝަން” އިން ދެއްވާ ވިނަރ އޮފް އެކްސެލްން އެވޯޑް، ނިއުޔޯކް ގެ އާޓް ޓުއަރ އިންޓަނޭޝަނަލް ޓޮޕް 60 މާސްޓަރ އެވޯޑް، ލަންކާގެ މެކް އާޓް ކޮމްޕެޓިޝަން ގައި ވާދަކޮށް 1 ވަނަ އަދި 2 ވަނަ އެވޯޑާއި ފްލޮރެންސް އާޓް އިންޓަނޭޝަނަލް މެގަޒިން އިން ދޭ ޖީނިއަސް އޮފް ދަ އާޓް އެވޯޑް ހިމެނެއެވެ.

ރޭގެ މި ހަފްލާގައި ވާހަކަފުޅުދައްކަވަމުން “ފަންނާނުންނަކީ ނުވަތަ އާޓިސްޓުންނަކީ ޤައުމުގެ ތަރައްޤީގެ ވަރަށް މުހިންމުދައުރެއް އަދާކޮށްދޭބައެއް. އެއީ، ބައިނަލްއަގުވާމީ އަދި ޤައުމީ މައްސަލަތަކަށް އާންމުންގެ ލޯ ހުޅުވައިދީ، މިކަންކަމާ ބަހުސްތައް ފެށުމަށް ލޯ ހުޅުވައިދޭ ބައެއް. އެހެންކަމުން، އަޅުގަނޑުމެންގެ ޤައުމުގެ އިޖްތިމާޢީ އަދި އިޤްތިސާދީ ތަރައްޤީގައި ފަންނާނުންގެ ދައުރު މިއަށްވުރެ އިތުރުކުރަންޖެހޭ” ކަމުގައި މިނިސްޓަރ ޔުމްނާ މައުމޫން ވިދާޅުވިއެވެ.

މިމަޢުރަޒު ހުޅުވިފައި ހުންނާނީ މި އޭޕްރީލް މަހުގެ 13 އަދި 14 މި ދެދުވަހު ގެ ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 23:00 އަށެވެ.