Maldives contemporary art exhibition Unveiling Visions – 2019

        މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީ (އެމް.އޭ.ސީ) އިން އިންތިޒާމްކޮށްގެން ބާއްވާ މޯލްޑިވިއަން ކޮންޓެމްޕޮރަރީ އާޓް އެގްޒިބިޝަން “އަންވެއިލިންގ ވިޜަންސް 2019” ރޭގައި އެޑިއުކޭޝަން މިނިސްޓަރ ޑރ އާއިޝަތު ޢަލީ ހުޅުއްވައި ދެއްވައިފިއެވެ.މި މަޢުރަޒަކީ ޒުވާނުންނަށް އެމީހުންގެ ފަންނުވެރިކަން ދައްކާލުމަށާއި އަދި އެއްތަނަކުން އެމީހުންގެ މަސައްކަތް ދައްކާލަން ފުރުސަތު ތަނަވަސް ކޮށްދިނުމުގެ މަޤްސަދުގައި 2016 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މައުރަޒެކެވެ. މިއީ މިފަދަ 3 ވަނަ އެގްޒިބިޝަނެވެ.

        ނޭޝަނަލް އާޓް ގެލެރީގައި ކުރިއަށް ދާ މި މައުރަޒުގައި އާޓިސްޓުން ބައިވެރިކޮށްފައިވަނީ އެކަމަށް ފުރުސަތު ހުޅުވާލުމުން ބައިވެރިވާން ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ދާއިރާގައި މިހާރުވެސް މަސައްކަތް ކުރަމުންދާ އަދި ކުރިންވެސް މަސައްކަތްތަކެއް ކޮށްފައިވާ 55 ފަރާތްތަކަށް އިސްކަން ދީގެންނެވެ. އެމް.އޭ.ސީ އިން މައުލޫމާތު ދެއްވާ ގޮތުގައި މި މައުރަޒުގެ ސަބަބުން އާޓިސްޓުންނަށް މި ދާއިރާއިން ކުރިއެރުންތަކެއް ލިބި އިތުރަށް ކުރިއަށް ދާން ހިތްވަރު ލިބިގެން ދާނެއެވެ.

މައުރަޒު ކުރިއަށްދާ ދުވަސްތަކުގައި ކުރެހުމާއި ގުޅޭ ހަރަކާތްތަކާއި، ލައިވް އާޓް އަދި އާޓް ޓޯކްސް ކުރިއަށް ދާނެއެވެ. މީގެ އިތުރުން ރާއްޖޭގެ ތަޖުރިބާކާރު ބޭފުޅުންގެ ތަޖުރިބާ ޒުވާނުންނާ ހިއްސާކުރުމުގެ ހަރަކާތްތަކެއްވެސް ކުރިއަށް ގެންދިއުމަށް ހަމެޖެހިފައިވެއެވެ. އަދި 30 އަހަރުން ދަށުގެ އުމުރު ފުރައިގެ 3 އާޓިސްޓަކަށް “މޯސްޓް ވައިބްރަންޓް އާޓިސްޓް” ގެ ނަމުގައި އެވޯޑެއް ދީފައިވެއެވެ. މި އެވޯޑް ލިބިފައިވަނީ އަލްފާޟިލް ހަސަން ރާއިޒް ސިރާޖް، އަލްފާޟިލާ އާއިޝަތު ޝުރޭލާ ރަޝީދު އަދި އަލްފާޟީލް މުޙައްމަދު ރައްޒާން ޢަބްދުﷲ އަށެވެ. މި މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް އަލްފާޞިލާ ޔުމާނާ މައުމޫންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މިނިސްޓަރގެ ވާހަކަ ފުޅުގައި ފަންނާނުން ކުރިއަރުވައި އެ ދާއިރާއިން ފުރުސަތު ތަނަވަސްކޮށް ދިނުމަށް މިނިސްޓްރީ އިން ވަރަށް ގިނަ މަސައްކަތްތަކެއް ކުރިއަށް އޮތް ތާނގައި ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީ އިން އާޓްސް ގެ ދާއިރާއަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަ ކުރައްވާ އެކަމަށް ޝުކުރު އަދާކުރެއްވިއެވެ.

      މައުރަޒު ކުރިއަށް ދާނީ އޯގަސްޓް 3 ން 7 ށް ހެނދުނު 9ން ހަވީރު 6ށް އަދި ރޭގަނޑު 8 ން 11 ށް ށެވެ. މިއީ ޝާއުގުވެރިވާ ފަރާތްތަކަށް ޓިކެޓް ވިއްކައިގެން ވަދެވޭގޮތަށް ކުރިއަށް ގެންދާ ހަރަކާތެކެވެ.