Press Release: DFME 2022
ނޫސް ބަޔާން
"ދިވެހި ފަންނާނުންގެ މިއުޒިކީ އީދު" އަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 20 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން 1985 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގެ މިނިވަންދުވަހާއި ގުޅުވައިގެން މާލޭގައި ބާއްވަމުން އަންނަ މިއުޒިކު ޝޯ އެކެވެ. މި ޝޯ އަކީ ގިނަ ދިވެހި މިއުޒިޝަނުންގެ ހުނަރާއި އުފެއްދުންތައް އާންމުންނަށް ހުށަހަޅާދިނުމުގެ ފުރުސަތު ތަނަވަސް ކޮށްދީފައިވާ، އާންމުންގެ ބޮޑު ތަރުހީބެއް އަބަދުވެސް ލިބެމުން އަންނަ ޝޯއެކެވެ.
ދެތިން އަހަރެއްގެ މެދުކެނޑުމަކަށްފަހު 2019 ވަނަ އަހަރުން ފެށިގެން ނޭޝަނަލް ސެންޓަރ ފޮ ދި އާޓްސް އިން ވަނީ ދިވެހި ފަންނާނުންގެ މިއުޒިކީ އީދު މާލޭގައި ބާއްވަން ފަށާފައެވެ. ނަމަވެސް މިފަދަ ފުރުސަތެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި މިއުޒިޝަނުންނަށް ތަނަވަސްކޮށްދިނުމުގެ މަގުސަދުގައި މިހިނގާ 2022 ވަނަ އަހަރުގެ ޖުލައި 27 އަދި 28 ގައި ދިވެހި ފަންނާނުންގެ މިއުޒިކީ އީދު ވަނީ އައްޑޫ ސިޓީގެ ހިތަދޫ ސްޓޭޖުގައި ބާއްވާފައެވެ. ނޭޝަނަލް ސެންޓަރ ފޮ ދި އާޓްސް އިން އައްޑޫ ސިޓީ ކައުންސިލާއި ގުޅިގެން ބޭއްވުނު މި ޝޯ އަކީ މާލެ ނޫން އެހެން ރަށެއްގައި ދިވެހި ފަންނާނުންގެ މިއުޒިކީ އީދު ބޭއްވުނު ފުރަތަމަފަހަރެވެ. މި ޝޯ ބޭއްވުމަށްޓަކައި އެމް.ޓީ.ސީ.ސީ، އެސް.ޓީ.އޯ، ފެނަކަ އަދި އުރީދޫއިން ވަރަށް ފުރިހަމައަށް އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދެއްވާފައިވާތީ އެފަރާތްތަކަށާއި އަދި ވަކިން ހާއްސަކޮށް އައްޑު ސިޓީ ކައުންސިލަށާއި އައްޑޫ ސިޓީ ރައްޔިތުންނަށް ޝުކުރު ދަންނަވަމެވެ.
މި އަހަރުގެ ޝޯގައި އައްޑޫ ސިޓީގައި ހަރަކާތްތެރިވާ ހުނަރުވެރި އަދި އުފެއްދުންތެރި މިއުޒިޝަނުން ފެނިގެންދިޔައެވެ. އެގޮތުން "ބްލެކް ޕަރލް"، "ވައިޓް ޓާން"، "ޕޮލޭރިސް" އަދި ޒުވާން ބޮޑުބެރު ގްރޫޕު "ރޯދި" ޕަރފޯމް ކުރިއެވެ. މި ބޭންޑުތަކުގެ އިތުރުން "އިކުއަޓިކް ވައިބް"، "ޓްރެފިކް ޖޭމް" އަދި "ރެވިއޯ" ބޭންޑުވެސް ވަނީ ޕަރފޯމްކޮށްފައެވެ. މިއުޒިކުގެ އިތުރުން "ސްޓަރ ޕްރޯ" ގެ ނެށުމުގެ ހަރަކާތްތަކެއްވެސް ހުށަހެޅިގެންދިޔައެވެ. އައްޑޫ ސިޓީގެ ގިނަ އަދަދެއްގެ ރައްޔިތުން މިޝޯ ބަލާލުމަށް ހާޒިރުވެފައެވެ.